
ކާޑެއްދޫ ތަރައްޤީކުރަން ކުންފުނިތަކާއި ވާހަކަދެކެވި އެގްރިމެންޓަކާއި ހިސާބަަށް އާދެވިއްޖެ - ސައުދުالله
# ސައުދުالله ހިލްމީ-
ރާއްޖޭގެ އެންމެ ގިނަ ދުވަސްވި އެއް އެއާޕޯޓު އަދި ތިނަދޫ ސިޓީގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައިވާ ކާޑެއްދޫ އެއާޕޯޓު ތަރައްޤީކުރަން ފެށުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް އެމަސައްކަތް ފެށުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުالله ހިލްމީ ވިދާޅުވެއްޖެ އެވެ.

ސައުދުالله މިފަދައިން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ތިނަދޫ ސިޓީއިން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެތެރޭގައި ހިމެނޭ ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތާއި ކާޑެއްދޫ ބްރިޖާއި ޓާޝަރީ ހޮސްޕިޓަލް އަދި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލުކުރަމުންދާ ފަރާތްތަކަށް މިކަމުގެ ތަފްސީލް އެތައް ފަހަރަކު އޮޅުންފިލުވައިދީފައިވާނެކަން ފާހަގަކުރައްވަމުން ސައުދުالله މިރޭ ވަނީ މި މަޝްރޫއުތަކުގެ ތަފްސީލް ތިނަދޫ ރައްޔިތުންނަށް ހާމަކޮށްދެއްވާފައި އެވެ.
އެގޮތުން ތިނަދޫގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައިވާ ކާޑެއްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ސައުދުالله ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށާއި އެހެން ނަމަވެސް އެކަމަށް ލަސްކަމެއް އަންނަނީ އެތަނަކީ ވަކި ބަޔަކާއި ހަވާލުކުރެވި، އެގްރިމެންޓެއްގެ ދަށުން ދޫކޮށްފައިވާ އެއާޕޯޓެއް ކަމުން އެކަން ދެފަރާތުން ވާހަކަދައްކައިގެން ހައްލު ކުރެވިގެން ނޫނީ ކުރިޔަށް ނުގެންދެވޭނެތީ ކަމަށެވެ. އެގޮތުން އެމަރުހަލާގައި ސަރުކާރުން ވަރަށް ބާރަށް އެމަސައްކަތް ކުރިޔަށްގެންދާކަންވެސް ފާހަގަކުރައްވަމުން ސައުދުالله ވިދާޅުވީ ކާޑެއްދޫ ތަރައްޤީކުރަން ބޭނުންވާ ކުންފުނިތަކާއި އެކު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ވާހަކަދެކެވި އެގްރިމެންޓާއި ހިސާބަށް ކަންކަން ކުރިޔަށްގޮސްފައިވާ ކަމަށެވެ. އަދި ކައިރި ކުރިމަގެއްގައި މި މަޝްރޫއުގެ މަސައްކަތް ފެށިގެންދާތަން ފެނުމަކީ އުންމީދުކަމަށްވެސް ސައުދުالله ވިދާޅުވިއެވެ.
މީގެ އިތުރުން ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައިކުރިޔަށްދާކަމަށާއި އެމަސައްކަތުގެ ތެރެއިން ފުރަތަމަ އިމާރާތްކުރާ އިމާރާތުގެ މަސައްކަތް ފެށުމަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިހާރު ބާރު ސްޕީޑެއްގައި ތައްޔާރީތައް ވަމުންދާކަމަށް ސައުދުالله ވިދާޅުވިއެވެ. ކުރީ ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ތިނަދޫގައި އަލަށް ހިއްކި ސަރަހައްދުގައި ކުރަން ނިންމި ނަމަވެސް ދައުލަތަށްވެސް ރަށަށްވެސް އެންމެ ފައިދާބޮޑު ގޮތަކީ މިހާރު ހޮސްޕިޓަލް ހުރި ސަރަހައްދުގައި އެމަސައްކަތް ކުރުން ކަމަށް ފެންނާތީ ހެލްތު މިނިސްޓްރީން އެމަސައްކަތް ކުރިޔަށް ގެންދިޔުމަށް މިހާރު ނިންމާފައިވަނީ ހޮސްޕިޓަލް މިހާރު ހުރި ސަރަހައްދުގައި ކަމަށް ސައުދުالله މިރޭ ވަނީ އިއުލާނުކުރައްވާފައި އެވެ.




