.jpg&w=3840&q=75)
ޖެމްސްގެ ދެވަނަ ވާޝަން މާޗު މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭވަރުވާނެ: ޑރ. ކިނާނަތު
# ޖެމްސް# މޯލްޑިވްސް ޑިޖިޓަލް ސަރވިސްފޮޓޯ: ޕީއެސްއެމް
ޖެމްސްގެ ދެވަނަ ވާޝަން މާޗު މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ ޖެމްސްގެ އައު ވާޝަން ފަރުމާކޮށްފައިވަނީ ޕޭޕަރލެސް ސިސްޓަމެއް ގޮތުގައި ކަމަށެވެ.
އަދި މީގެ ސަބަބުން ކަރުދާސް ބޭނުންކުރަން ނުޖެހޭނެ ކަމަށާއި، ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ސްޓޭޓްގެ ވާހަަކައިގައި ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގަވަރމެންޓް ޑިޖިޓަލް ސާވިސްގެ ޕްރޮޖެކްޓް މެނޭޖަރ ޝަޒްރާ މުޙައްމަދު ސައީދު ވިދާޅުވީ ގަވަމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް ގާއިމްކުރެވިގެންދިޔައީ 2012ވަނަ އަހަރުގައި ކަމަށާއި ޖެމްސްގެ ދެވަނަ ވާޝަންގެ މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ.
މާޗު މަހުގެ ތެރޭގައި ޖެމްސްގެ ދެވަނަ ވާޝަން ލޯންޗުކުރެވި އިދާރާތަކުގައި ބޭނުންކުރަން ފަށާނެ. މީގެ ތެރޭގައި ޖެމްސް ވާޝަން އެކެއްގައި މި ހިމެނެނީ ހަމަ އެކަނި ދައުލަތުގެ އިދާރީ ލިޔެކިޔުންތައް. މިހާރު މި ނެރޭ އައު ވާޝަންގަ ހިމެނޭނެ އިދާރާއެއްގެ އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ހިމެނޭނެ. ޝަޒްރާ ވިދާޅުވިއެވެ.
ޝަޒްރާ ވިދާޅުވީ މި އައު ވާޝަންގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި ދައުލަތުގެ ޚަރަދުވެސް ކުޑަކުރެވިގެންދާނެ ކަމަށެވެ.
މި އައު ނިޒާމަށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ޝަޒްރާ ވިދާޅުވީ މިހާތަނާށް 960 އެއްހައި އިދާރާގައި މި ނިޒާމަށް އަހުލުވެރިކުރުމުގެ ތަމްރީން ދީފައިވާ ކަމަށެވެ.
އަދި އަމާޒަކީ މީގެ ކުރިން ބޭނުން ކުރަމުން އައި ހުރިހާ އެޕްލިކޭޝަންތައް ދޫކޮށް އައު އެޕްލިކޭޝަންތަކަށް ބަދަލުވުންކަން ޝަޒްރާ ވަނީ ފާހަގަކުރައްވާފައެވެ.




