
ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ
# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ބ. ފެހެންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ތިމާވެއްޓާއި ބެހޭ ވުޒާތާއިން ބުނީ މި މަޝްރޫއުގެ ދަށުން ފެހެންދޫގައި 250 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި، 537 ކިލޯވޮޓް އަވަރ (kWh) ގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) އިންސްޓޯލް ކުރެވޭނެ ކަމަށާއި މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރާސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.
އެގޮތުން މިކަމުން އަހަރަކު 1 ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
މި ނިޒާމު އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ފެހެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 288 ޓަނުގެ އެމިޝަން މަދުކުރެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. ރައީސް ޑރ.މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.
ފެހެންދޫގައި މިހާރު ކުރިއަށްދާ މި މަސައްކަތަކީ އެ އަމާޒަށް ވާސިލުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިންމާލައިފި

"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހުކޮށްފި

އީ-މޯބިލިޓީއާ ގުޅޭ ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

.gif&w=3840&q=75)



