"ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ" ކެޓަގަރީން އެއްވަނަ ހޯދި ދަރިވަރުންނާ ތާރިޤް ބައްދަލުކުރައްވައިފި
# ތާރިޤް އިބްރާހީމް# ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ# ސަސްޓެއިނަބިލިޓީ ވީކްފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
"ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ" ކެޓަގަރީން އެއްވަނަ ހޯދި ރާއްޖޭގެ ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިޤް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް (އޭޑީއެސްޑަބްލިއު) 2026 އަދި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ދަތުރުގެ ތެރެއިން މިނިސްޓަރު ވަނީ "ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ" ކެޓަގަރީން އެއްވަނަ ހޯދި ރާއްޖޭގެ ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ކުދިން ހޯދި ބޮޑު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.
ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑު ކާމިޔާބުކުރީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްޤީގެ އާދަޔާޚިލާފު މަޝްރޫޢަކާއެކުގައެވެ. މި މަޝްރޫޢުގެ ދަށުން އެ ސްކޫލުގައި އިރުގެ ހަކަތަ (ސޯލާ) އާއި ވައިގެ ހަކަތަ (ވިންޑް) ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ޔޫވީ ފިލްޓްރޭޝަން މެދުވެރިކޮށް ފެން ސާފުކުރުމާއި، ހައިޑްރޯޕޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޝްބޯޑުތައް މެދުވެރިކޮށް މި ނިޒާމުތައް މޮނިޓަރކޮށް ބެލެހެއްޓުމަށް މި މަޝްރޫޢުގައި ފަރުމާކޮށްފައިވެއެވެ.
މިނިސްޓަރު ތާރިޤް ވިދާޅުވީ، ބައިނަލްއަޤުވާމީ މިފަދަ ޝަރަފުވެރި މައިދާނެއްގައި ދިވެހި ދަރިވަރުން ހޯދި މި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށާއި، މިއީ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔޫއޭއީ ސަރުކާރުން ކޮންމެ އަހަރަކު ދެމުންދާ އެވޯޑެކެވެ.




