
ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި
# ރައީސް މުއިއްޒު-
ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ.

މިއާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.
އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޒަކާތުގެ ބިލު ތަސްދީޤުކުރައްވާފައިވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.
އާ ޤާނޫނުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރެއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/1 އިން މިކަން ވަނީ މިއަދު އިޢުލާންކުރައްވާފައެވެ.
ގުޅުންހުރި

ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި

ބޭރު ޤައުމުތަކުގެ އިސްވެރިންނަށާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް މީލާދީ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
މި އަހަރު ވާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރާނޭ އަހަރަކަށް!





