
-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އިމިގްރޭޝަން އީ ގޭޓުތައް ބޭނުންކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު ސީޕީ (ރޓޑ) އަހުމަދު ފަސީހު އެވެ. މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އާއި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.
އިމިގްރޭޝަނުން ބުނީ އެރައިވަލް އަދި ޑިޕާޗާ ހޯލްތަށް ހިމެނޭހެން މިއަދު ޖުމްލަ 10 އީ-ގޭޓް ހުޅުވި ބޭނުންކުރަން ފެށިފައިވާ ކަމަށާއި ދިވެހި ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.
'އީ-ގޭޓް' އަކީ ވަރަށް ފަސޭހަ އިރުޝާދުތަކާއެކު އިމިގްރޭޝަން ކްލިއަރެންސް އެމީހަކު އަމިއްލައަށް ހޯދުމަށް ބަހައްޓާފައިވާ ގޭޓުތަކެކެވެ. އެގޮތުން، ފުރަތަމަ ބޯޑިން ޕާހުގައިވާ ބާކޯޑު ސްކޭނަރގައި ޖައްސާ ރީޑުކުރުމުން، ދެން ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރގައި ޖައްސާ ރީޑްކޮށްލާނީއެވެ. އަދި ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރޕްރިންޓް ރީޑަރުގައި ޖެއްސުމުން ގޭޓު ހުޅުވޭނެއެވެ.
އިމިގްރޭޝަންގެ ދިގު ކިއުތައް ކުޑަކުރުމަށް ވީއައިއޭގައި އިތުރު އީގޭޓުތައް ހަރުކޮށް އަންނަ އަހަރު ބޭނުންކުރަން ފަށަން ނިންމާފައިވާކަން ރައީސް މުއިއްޒު މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ހާމަކޮށްފައި އެވެ. އެގޮތުން ރައީސް އެދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ 1 ޖެނުއަރީ 2026ގެ ކުރިން އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމަށާއި މިވަގުތު ވީއައިއޭގައި ހަރުކޮށްފައިވާ 10 ގޭޓާއިއެކު ޖުމުލަ 20 ގޭޓުން ހިދުމަތް ފެށޭނެ ކަމަށެވެ.





