
ބީއެމްއެލުން އެފޯޑަބަލް ހައުސިންގ ޔުނިޓުތައް ތަރައްޤީކުރަން ދިވެހި ކުންފުނިތަކާއިވެސް ހަވާލުކުރާނެ!
# ބީއެމްއެލް-
ބޭންކް އޮފް މޯލްޑިވްސްއިން ތަރައްޤީކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓުތައް ދިވެހި ކުންފުނިތަކާއިވެސް ހަވާލުކުރާނެކަމަށް އެކުންފުނީން ހާމަކޮށްފައި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ހެޔޮ އަގެއްގައި ހައުސިންގ ޔުނިޓު އެޅުމަށް ރާއްޖޭގެ ބޭންކުތަކަށް ވަނީ ލާޒިމުކޮށްފައެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10% އާއި 15% އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފައެވެ.
މިއާއިއެކު މި މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓްގެ ނަމުގައި ކުންފުންޏެއް އުފައްދައި ހުޅުމާލޭގައި އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުއެއް ބޭރުގެ ދެ ކުންފުންޏަކާއި މިއަދު ހަވާލުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފެށޭނެކަން ސައީދު ހާމަކުރެއްވި އެވެ.
އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެއެވެ. އެގޮތުން މިއަދު ދެ މަޝްރޫއު ހަވާލުކުރީ ބީޔޫސީޖީއާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި އެވެ.
ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތަކުން ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.
ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ. މި ކުންފުންޏަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރަރސްޓްރަކްޗަރ މަސައްކަތް ކުރަމުންނެވެ.
މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި މި ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ގުޅުންހުރި

ބީއެމްއެލުން އެފޯޑަބަލް ހައުސިންގ ޔުނިޓުތައް ތަރައްޤީކުރަން ދިވެހި ކުންފުނިތަކާއިވެސް ހަވާލުކުރާނެ!

ގިނަ އަދަދެއްގެ ހައުސިން ޔުނިޓްތަކެއް އިމާރާތްކުރުމަށް ބީއެމްއެލުން ބޭރުގެ ބޮޑު ދެ ކުންފުންޏަކާ ހަވާލުކޮށްފި

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދިފްރާން އަށް!





