
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ސަރުކާރުން މިއަދު ވަނީ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްކޮށްފައެވެ.
މީގެ ކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އަދި އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރަމުން އައީ މަހަކު 10,000 ރުފިޔާއެވެ.
ނަމަވެސް، މިއަދު ގެނެވުނު އާ އިސްލާހާއެކު، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. އެގޮތުން ހަތަރު ކުދިން ތިބޭ އާއިލާއަކަށް މަހަކު 12,000 ރުފިޔާގެ އެހީއެއް މިހާރު ކަށަވަރުވާނެއެވެ. މީގެ އިތުރުން، ހަތަރު ކުދިންނަށްވުރެ ގިނައިން ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެލަވަންސެއް ލިބޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އައު އުސޫލުގެ ދަށުން، މި އިނާޔަތުގެ އެންމެ މަތީ މިންވަރަކީ މަހަކު 15,000 ރުފިޔާއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ޖުމްލަ 180,000 ރުފިޔާގެ މާލީ އެހީތެރިކަމެކެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް އެކަނިވެރި މައިންގެ އެލަވަންސް ހޯދުމަށް 5,443 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
ގުޅުންހުރި

ރައީސް ވައުދުފުޅާއި އެއްގޮތަކަށް އެކަނިވެރިމައިންގެ އިނާޔަތް ބޮޑުކޮށްފި

ޑިޖިޓަލް އިކޮނޮމީއަކީ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު!





