
ސްޓޮކްހޯމް ކޮންވެންޝަންގެ ގައުމީ އަމަލީ ތަފްސީލު އަލުން ދިރާސާކޮށް މުރާޖާކުރުމުގެ 2 ވަނަ ބައްދަލުވުން ބާއްވައިފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ރާއްޖޭގައި ދިގުދެމިހުންނަ މުޑުދާރުކުރަނިވި މާއްދާތައް (ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް - ޕޮޕްސް) ކޮންޓްރޯލް ކުރުމާ ބެހޭގޮތުން ހެދިފައިވާ ސްޓޮކްހޯމް ކޮންވެންޝަންގެ ގައުމީ އަމަލީ ތަފްސީލު (ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން - އެން.އައި.ޕީ) އަލުން ދިރާސާކޮށް މުރާޖާކުރުމުގެ މަޝްރޫޢުގެ ދަށުން ބޭއްވުނު 2 ވަނަ ނޭޝަނަލް ކޯޑިނޭޝަން މެކޭނިޒަމް (އެން.ސީ.އެމް) ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ މާލޭގައި، ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންނާއި ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ މަޝްރޫޢުގެ މިހާރުގެ ކުރިއެރުންތައް ދިރާސާކޮށް، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މަސައްކަތު ތާވަލަށް (ވޯކް ޕްލޭން) ތާއީދު ކުރުމެވެ. މީގެ އިތުރުން، ރާއްޖޭގައި ކެމިކަލްސް އާއި ކުނި މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގާބިލުކަން އިތުރުކުރުމުގެ މަޝްރޫޢު (އިންސްޓިޓިއުޝަނަލް ސްޓްރެންތެނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް ޕްރޮޖެކްޓް) ގެ 2 ވަނަ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ ބައްދަލުވުންވެސް އިއްޔެ ވަނީ ބާއްވާފައިވެއެވެ.
މި ބައްދަލުވުންތަކުގައި، ސްޓޮކްހޯމް ކޮންވެންޝަނުގެ ދަށުން ރާއްޖެއިން އަމަލުކުރަމުންދާ ގޮތްތަކާއި، ޕޮޕްސްގެ ނުރައްކާތަކުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ. އަދި، ކެމިކަލްސް އާއި ކުނި ރައްކާތެރިކަމާއެކު މެނޭޖް ކުރުމަށްޓަކައި، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، މުއައްސަސީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންވެސް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.
މި ދެ މަޝްރޫޢަކީވެސް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް މުހިންމު ދެ މަޝްރޫޢެވެ.
ގުޅުންހުރި

ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ!

ސްޓޮކްހޯމް ކޮންވެންޝަންގެ ގައުމީ އަމަލީ ތަފްސީލު އަލުން ދިރާސާކޮށް މުރާޖާކުރުމުގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

ރަސްމާދޫގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ





