
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް އެކަށައެޅުމާ ގުޅޭ އިރުޝާދުނާމާ އާންމުކޮށްފި
# އެންޓިކޮރަޕްޝަން ކޮމިޝަންފޮޓޯ: އޭސީސީ
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް އެކަށައެޅުމާ ގުޅޭ އިރުޝާދުނާމާ އާންމުކޮށްފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި އެ ކޮމިޝަނުން އިއްޔެ އާންމުކުރި އިރުޝާދުނާމާގައި ހިމަނާފައިވާނީ ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ހިރާސް ކުޑަކުރުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.
މި އިރުޝާދުނާމާގެ މަޤްސަދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ޚާއްޞަ ޙާލަތްތަކާއި ހިރާސް ބޮޑު ފަރާތްތައް ދެނެގަނެ ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުން ހިމެނެއެވެ.
އަދިމީގެ އިތުރުން އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިޢާއަތްކޮށް، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކޮށް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަޤާފަތެއް އިދާރާތަކުގައި ޤާއިމުކުރުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދު ދިނުންވެސް ހިމެނެއެވެ.
މި ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލުމާއި، މަސްލަހަތު ފުށުއެރުމުގެ ހިރާސް ކުޑަކުރުމަށް މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީނުކުރުމާއި، މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި އެފަދަ ނިޒާމުތައް މޮނީޓަރކުރުމާއި މުރާޖަޢާކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތުވަނީ ހިމަނާފައެވެ.
މި ގައިޑްލައިންގައި އިދާރާތަކަށް ރައްޔިތުން އިތުބާރުކުރާ، ދެފުށްފެންނަ ނިޒާމަކަށް ހެދުމަށްޓަކައި، އިދާރީ ހިންގުމުގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އިންތިޒާމުތަކާއި މިންގަނޑުތައް ފާހަގަކޮށްފައިވެއެވެ.
މި އިރުޝާދުނާމާ ކޮމިޝަނުގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.







