
ކަރެކްޝަނަލް މަރުކަޒުގައި ހިންގި ދެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ ޤައިދީންނަށާއި އެ ޖަލުގެ ގޯތި ތެރޭ ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނާއި ބަންދު ކޮށްފައިވާ ކުދިންނަށް ހިންގި ދެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.

ސެޓްފިކެޓް ޙަވާލުކޮށްފައި ވަނީ އައްސޭރި ޖަލުގެ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް ހިންގި “އަވަސްވެ ގަންނާށޭ” ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށާއި 25 އޮގަސްޓް 2025 އިން 20 ސެޕްޓެމްބަރ 2025އާ ހަމައަށް ކުޑަކުދިންގެ މަރުކަޒުތަކުގައި ތިބި ކުދިންނަށް ހިންގި “އުނގެނެމާ” ޕްރޮގުރާމް ފުރިހަމަ ކުރި ކުދިންނަށެވެ.
މި ދެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
“އަވަސްވެ ގަންނާށޭ” ޕްރޮގްރާމްގެ މަޤްޞަދުތަކަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ. މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 112 ޤައިދީންގެ ތެރެއިން، ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 69 ޤައިދީންނެވެ.
“އުނގެނެމާ” ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހަތަރު ކުޑަކުދިންނެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި ޤަވާއިދާއި ނަފުސާނީ ދުޅަހެޔޮކަމާއި ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި ނަމާދާ ބެހޭ ވޯކްޝޮޕް އަދި ހަތަރި ދީނީ ދަރުސް ކުރިއަށް ގެންދިޔައެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ވަރަށް މުޙިއްމު ޕްރޮގްރާމްތަކެވެ. އަދި މުސްތަޤްބަލްގައި ޤައިދީންގެ ރިހެބިލިޓޭޝަން އިތުރަށް ފުޅާކޮށް، ތަޢުލީމީ، ފަންނީ އަދި ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ގުޅުންހުރި

ކަރެކްޝަނަލް މަރުކަޒުގައި ހިންގި ދެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފި

އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމަށް އިތުރު ދެ ކޯޓް ރޫމް!

މާފުށީ ޖަލުގެ ޚިދުމަތަށް 27 އަހަރާއި އީއެސްޖީގެ ޚިދުމަތަށް 18 އަހަރު ފުރުން ފާހަގަކޮށްފި





