logoEN
Sto top
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެބޮޑު އަދަބު ލިބޭގޮތަށް ޤާނޫނު އިސްލާހުކުރާނަން!

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެބޮޑު އަދަބު ލިބޭގޮތަށް ޤާނޫނު އިސްލާހުކުރާނަން!

އަހުމަދު ޝުރާއު

logo

11/15/2025, 9:30:25 AM

# ރައީސް މުއިއްޒު

-

ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ކުރިއަށްދިޔަ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޭއްވުނު އެންމެ ބިޔަ ސިޔާސީ ހަރަކާތް "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްގަހު އެންމެ އިސްކަންދެއްވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށްކަަމަށާއި، އެގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ އޭގެތެރެއިން އެއް މައްސަލަކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވެން އޮތީ އެކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވިގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހުއްޓުވައިގެން ނޫނީ އެ މައްސަލަ ހައްލުނުވާނޭކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ އެ އޮޕރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ފުޅާކުރައްވާނެ ކަމަށެވެ. އަދި އެއްވެސް ނުފޫޒެއްގައި ނުޖެހި ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށްފިނަމަ ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިއާއިއެކު އެކަން ހާސިލް ކުރުމަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައަށް ނެރުމަށް ކަމަށެވެ. ކޮންމެ ޒުވާނަކީވެސް އަބުރުވެރި ޒުވާނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ޙަގީގީ މާނައިގައި ޒުވާނުން ބާރުވެރިކުރުވޭނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކަށް މި މައްސަލަ ހައްލު ނުކުރެވުނީ ފަސޭހަ ގޮތް ހިޔާރުކުރާތީކަމަށެވެ. ނަމަވެސް އެމަނިކުފާނު ކަންކަން ނިންމުމުގައި ބައްލަވަނީ މަގުބޫލުގޮތުގެ ބަދަލުގައި އެންމެ ރަނގަޅުގޮތަށް ކަންކަން ނިންމުމަށްކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC