
އިމިގްރޭޝަންގެ އަމާޒަކީ ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން - ފަސީހް
# މޯލްޑިވްސް އިމިގްރޭޝަން-
އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު، އަވަސް އަދި ލުއި ފަސޭހަ ހިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވީ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީޙް ވިދާޅުވީ އިމިގްރޭޝަންގެ ޒަމާނީ ޚިދުމަތްތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ގިނަ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު، އަވަސް އަދި ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
ދިވެހިރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ ސީޖީ ވިދާޅުވީ މިއަދު އިފްތިތާހުކުރި ހިދުމަތްތައް ވެގެންދާނީ ދިވެހިރާއްޖޭގަ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެންމެން ގުޅިގެން މިކުރާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަސީޙް ވިދާޅުވީ ވެބްސައިޓުން އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބިގެން ދާނެ ކަމަށާއި މިއީ ޒަމާނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ވެބް ސައިޓެއް ކަމަށެވެ.
އަދި މިއަދު އިފްތިތާހުކުރި އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކުރެވިފަވާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށާއި އެޕްލިކޭޝަންގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ފަސީޙް ފާހަގަކުރެއްވިއެވެ.
މިގޮތުން، އަލަށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާ ދިވެހި ޕާސްޕޯޓު އައު ކުރުމަށް ފަސޭހަކަމާއެކު ހުށަހެޅޭނެކަން ފާހަގަކުރައްވާ ސީޖީ ވަނީ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ ފަރާތެއްގެ ޕާސްޕޯޓުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރާއްޖޭގަ ހުރުމަށް ވިސާ ދޫކޮށްފަވާ ބިދޭސީންނަށް، އެ ފަރާތްތަކަށް ދޫކޮށްފަވާ ވިސާގެ މަޢުލޫމާތު އެޕްލިކޭޝަނަށް ލޮގްއިން ވެގެން ފަސޭހަކަމާ ރައްކާތެރިކަމާއެކު ބަލާލެވޭނެ ކަމަށްވެސް ފަސީޙް ވިދާޅުވިއެވެ.
އަމާޒަކީ ރާއްޖެއަށް އަންނަ އަދި ރާއްޖޭން ފުރާ ފަރާތްތަކަށް އެ ފަރާތްތަކުން ބަލައިގަންނަ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހިނިތުންވުމާ ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން ކަމަށާއި ޚިދުމަތްދޭ އިދާރާއަކަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ރައްޔިތުން ގަބޫލުކުރާ ފަދަ ފެންވަރު ރަނގަޅު، އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދެވިގެންކަން ސީޖީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އެންމެ ޒަމާނީ ފެންވަރަށް ދިވެހި ޕާސްޕޯޓު ޕްރިންޓް ކުރުމުގެ އިންތިޒާމް މިހާރު ވާނީ ގާއިމުކުރެވިފައި ކަމަށާއި އަމާޒަކީ ގްރޭޓަރ މާލޭ ސަރަހައްދުން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އެޕްލިކޭޝަން ފުރިހަމަކުރާތާ، 24 ގަޑިއިރުތެރޭގަ ޕާސްޕޯޓު ލިބޭ ވަރަށް އިމިގްރޭޝަންގެ ޚިދުމަތްތައް އަވަސްކުރުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ 2.0 ގެ ތަޞައްވަރަށް ޢަމަލީ ސިފަގެނެސްދެއްވައި، އެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައި، ތަރައްޤީއަށް ފަހެލި ބަދަލުތަކެއް ގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ އެމަނިކުފާނަށް އަރުވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙެވެ.
ގުޅުންހުރި

ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުން ޤަވާއިދާ ޚިލާފަށް އުޅުނު 66 ބިދޭސީން ހައްޔަރުކޮށްފި

މި މަހުގެ 23ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅޭނެ: އިމިގްރޭޝަން

އިމިގްރޭޝަންގެ ވަޒީފާއަށް އެދި ހުށަހެޅި 417 ފަރާތަކުން އިމްތިހާނު ފުރިހަމަކޮށްފި





