
އިންވެސްޓްމަންޓްތައް އަންނާނީ ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ޤަބޫލުކުރެވިގެން - ރައީސް
# ރައީސް މުއިއްޒު-
ދިވެހިރާއްޖެެއަކީ އިޤްތިޞާދީގޮތުން ވިލުންތެރި، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިއުމަކީ އިޤްތިޞާދަށް އިންވެސްޓުކުރާނެ ފަރާތްތައް އިތުރުވާނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ޤައުމަކީ އަމާން ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ޤަބޫލުކުރެވިގެންކަމުގައި ވިދާޅުވިއެވެ. އަދި ގައުމުގެ ލަޔާޤަތާއި ޤާބިލުކަން އެމަގުން ގާއިމުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މިޤައުމުގެ އިޤްތިޞާދުވެސް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެހެންވެއްޖެނަމަ އިޤްތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ އިސްލާމީ ޢަރަބި ޤައުމުތަކުން ތަރައްޤީ ހާސިލުކުރާގޮތަށް ބަލާއިރު، މިއީ އެ ޤައުމުތަކުންވެސް ކަންކަން ކުރަމުންދިޔަ އަދި ކުރަމުންދާވެސް ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމިއްޔަތު ހިމާޔަތްކުރެވި، އިސްލާމީ ވަޙުދަތު ކަށަވަރުކުރެވި، ޤައުމު އިޤްތިޞާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި، މި ޤައުމުގައި ވަރުގަދަ އަސްކަރިއްޔާއެއް، ޤައުމީ ދިފާޢީ ބާރުގައި ޤާއިމުވެފައިވާ އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި އިންސާނީ ވަޞީލަތް ގާއިމުކުރުމުގެ ގޮތުން މި ކުރެވޭ ކަންކަމަކީވެސް އެގޮތަށް ކުރެވޭ ކަންކަން ކަމަށާއި މިއަދު ހުޅުވުނު މަރުކަޒުގައިވެސް ދާދި އަވަހަށް ޓްރެއިނިންގ ފެސިލިޓީ ގާއިމުކުރެވި، ތަމްރީނުތައް ފެށިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ގިރިފުށީގައިވެސް ބިންހިއްކުމާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގިރިފުށީގެ އިތުރަށް މާފިލާފުށީގެ ތަރައްޤީގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ހާމަކުރައްވައި ރައީސް ވަނީ ނޭޝަނަލް ސަރވިސް ޕްރޮގްރާމު ފެށި، އެ ޕްރޮގްރާމުގައި އަންނަ އަހަރު ބައިވެރިވާ ކުދިންގެ ޢަދަދު އެތައް ގުނައަކުން އިތުރުވާނެކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން، މާލޭގައި ހުރި އެކި މަރުކަޒުތަކުގައި ޢިމާރާތްތައް ގާއިމުކުރުންފަދަ ކަންކަމަށް، މިއަންނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ކުރައްވަމުންގެންދަވަނީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ބިނާކުރެވޭ، ގާއިމުކުރެވޭ، ވަރަށް މުހިންމު ކަންކަމުގެ ގޮތުގައި ޤަބޫލުފުޅުކުރެއްވޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ކާމިޔާބުވެގެންދިއުން ވާނީ، ދިވެހިރާއްޖެ މިނިވަން، މުސްތަޤިއްލު، ތަރައްޤީ ހާސިލުވަމުންދާ، ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ކުރައްވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމަށް ކަމުގައި ވިދާޅުވެ ރައީށް ވަނީ، ދެހާސް ސާޅީސް ވަނަ އަހަރާއި ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ހަމަ ޔަޤީނުންވެސް ޤައުމުގައި ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެންކަމުގައި ފާހަގަކުރައްވާފައެވެ.
އަދި ހުރިހާ މާނައެއްގައިވެސް ޤައުމު ހިމާޔަތްކޮށް، ޤައުމު ދިފާޢުކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް، މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ތަނަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވަނީ އެމް.އެން.ޑީ.އެފް. ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވައި، ޚިދުމަތް ފައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އެސަރަހައްދު ބައްލަވާލައްވައި، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި ސިމިއުލޭޓަރ ރޫމް ބައްލަވާލައްވައި، ގްރޫޕް ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2024 އިންނެވެ.
ގުޅުންހުރި

206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެ، ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތް - ރައީސް

ތަރައްޤީގެ 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފި

ރާއްޖޭގެ ކޮންމެ ރަށެއްގައި، ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ - ރައީސް





