logoEN
Sto top
ކޮންމެ ރައްޔިތެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ގެންގުޅޭނަމަ، ކަންބޮޑުވާންޖެހޭނެކަމެއް ނޯންނާނެ - ރައީސް

ކޮންމެ ރައްޔިތެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ގެންގުޅޭނަމަ، ކަންބޮޑުވާންޖެހޭނެކަމެއް ނޯންނާނެ - ރައީސް

އަހުމަދު ޝުރާއު

logo

11/3/2025, 9:30:03 AM

# ރައީސް މުއިއްޒު

-

ކޮންމެ ރައްޔިތަކަށް ތަމްރީނުދީ، ހަތިޔާރު ދެވެން ނޯންނާނޭކަމަށާ، ނަމަވެސް މާތް ﷲ ސުބްޙާނަހޫވަތަޢާލާ ދެއްވި އެންމެބާރުގަދަ ހަތިޔާރު ކަމުގައިވާ، ސިކުނޑީގެ ބޭނުންހިފައި، އެމީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ގެންގުޅޭނަމަ ކަންބޮޑުވާންޖެހޭނެކަމެއް ނޯންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހީންގެ އަތުގައި އޮތީ އެހެން ބައެއްގެ އަތުގައި ނެތް ޚާއްޞަ ހައިސިއްޔަތުތަކެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންނަކީ އެއް ދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަދައްކާ، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ބަޔަކަށްވާއިރު، އެކަންކަން ނިގުޅައިގަތުމަށް ކަނޑިއާއި ބަޑި ބޭނުން ނުވާކަމުގައެވެ. ޤައުމުގެ މިނިވަންކަން ގެއްލިދިޔަ ހާދިޘާތަކަށް ނަޒަރު ހިންގަވާލައްވަމުން، އެމަނިކުފާނު ވަނީ، ބޭރުގެ ބަޔަކާ ގުޅިގެން ކުރިކަމުގައި ވިޔަސް އެފަދަ ގިނަ ހާދިޘާތައް ހިނގާފައިވަނީ ދިވެހީންގެ އަތެއް އެކަމުގައި އޮވެގެންކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް، އަމިއްލަ މަސްލަހަތަށް ވުރެ، ހިތުގެ އަޑިން ޤައުމީ ލޯބި އިސްކޮށް، ޤައުމާ އެއްކޮޅަށް ކަންކަން ކުރަން މަސައްކަތްކުރާހާހިނދަކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލު އަބަދުވެސް އޮންނާނީ ހިމާޔަތްވެ، ވަރުގަދަވެފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ކާބަފައިންގެ ޤުރުބާނީގެ ވާހަކަ ޒުވާނުންނަށް އެނގެންޖެހޭކަމަށާ، އެ މަޤްޞަދުގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މުހިންމު ސިޔާސަތެއް ތަންފީޒުކުރައްވަން ފައްޓަވައި، އެކަން ކާމިޔާބީއަށް ވާސިލުވަމުންދަނީ ދިވެހިރައްޔިތުން އެކަންކަން ބަލައިގަނެ، ފުރިހަމައަށް އެއްބާރުލުން ދެއްވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމީ ޚިދުމަތުގައި ބައިވެރިވުމަށް ޒުވާނުންނަށް ހުޅުވާލި ފުރުޞަތަށް އިތުބާރުކުރައްވައި، ދެއްވި ތަރުޙީބު ފާހަގަކުރައްވަމުން، މިއަދުގެ ރަސްމިއްޔާތުގައި ޤައުމީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ބައިވެރިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމެއް، ޤައުމަކަށް ވެގެން އަންނަނީ އެ ޤައުމެއްގެ އަފުރާދުންގެ މައްޗަށް ބިނާވެގެން ކަމަށާ، ސަރުކާރުން ތަރައްޤީ ހޯއްދަވައިދެއްވި ކަމުގައި ވީ ނަމަވެސް، މިމޭރުމުން އަފުރާދުންގެ ވިސްނުން ބައްޓަންވެގެން ނުދާނަމަ، އެ ތަރައްޤީގެ ބޭނުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތްކުރަމުންދާނީ ކަންކަމަށް މަގުފަހިކޮށްދީ، ޢުމްރާނީ ގޮތުން ޤައުމު ތަރައްޤީކޮށް، ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޚިދުމަތުގައި ހޭދަކުރާ ވަގުތަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށްޓަކައި 2026 ވަނަ އަހަރުގެ ބަޖެޓުން ހޭދަކުރެއްވުމަށް ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސިފައިން ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކުރެވެން އޮތް ކަމެއް ނޫންކަމަށާ، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރުމުގެ ޒިންމާ، ކޮންމެ ރައްޔިތަކަށްވެސް އޮތްކަން ފަޚްރެއްގެގޮތުގައި ދުށުމަށް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. މާޒީގައި ޤައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލުމަށް ކަމަށާ، ނަމަވެސް ބަވަނަވެފައި އޮތް އަދުގެ ދުނިޔޭގައި ކަން ހިނގަމުންދަނީ އެ މޭރުމުން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓެކްނޯލޮޖީގެ މި ޒަމާނުގައި، ޣާފިލުކަމުގެ ތެރޭގައިވަނިކޮށްވެސް މިނިވަންކަން ގެއްލި ހިނގައިދާނެކަން ހަނދާންކޮށްދެއްވާފައެވެ.

އިޤްތިޞާދީ މިނިވަންކަން ޤައުމުގައި އޮތުމީ، އެ ޤައުމުގެ ޙަޤީޤީ މިނިވަންކަމަށް ނުހަނު މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަތުގައި އޮންނަ ފޯނަކީ ޤައުމުގެ ދިފާޢަށް މިހާރު ބޭނުންކުރެވެން އޮތް އެންމެ ބޮޑު ވަޞީލަތުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ފޯނުގެ ބޭނުންކޮށްގެން ކޮންމެ ރައްޔިތަކަށްވެސް ޤައުމާ އެއްކޮޅަށް މަސައްކަތްތަކެއް ކުރެވިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމް ދީނަކީ ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތްކަމުގައި ޤަބޫލުކޮށް، ދީން އެންގެވި ގޮތަށް ޢަމަލާއި ބަސް ދިމާކޮށް، އެކަމަށްޓަކައި ފަޚްރުވެރިވެ، ކާބަފައިންނާއި އަބުޠާލުންގެ ޤުރުބާނީގެ ވާހަކަތައް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވި، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި ހަނދާނީ އައްޑަނަ އެރުވި އެ ހާދިޘާގެ 19 ޝަހީދުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަރްޙަބާ ދެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC