
ރައްޔިތުންނަށް ރައްކާތެރި ޞިއްޙަތެއް ހޯދައިދިނުމަކީ މުހިންމު އިންވެސްޓްމެންޓެއް، އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް އެކަމަށް!
# ރައީސް މުއިއްޒު-
ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތުންތަކެއް ޤައުމުގައި ތިބުމަކީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ޤައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށާއި، ބަލިތަކުން ދުރުވެ، ބަލިތަކަށް ހުށަހެޅިފައި ނުވާ ފަދަ ގޮތަކަށް މުޖުތަމަޢު އޮތުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއަރ އަދި ބަލިޖެހޭ ހިސާބުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ގިނަ ބަލިތަކާ ގުޅުން އޮތް ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ނުޤަވައިދުން ކުރެވޭ ދުންފަތުގެ ވިޔަފާރިއާއި އެފަދަ ކަންކަމުގައި ޝާމިލު ނުވުމަށްވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ތަފާތު އެކި ބަލިތަކުގައި، އިންތިހާ ދަތި ޙާލުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭޖެހުމަށް ލުޔެއް ހޯއްދަވައިދެއްވުމަށްވެސް ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، އަތުން ހިފޭ ތަރައްޤީއާއެކު ލޮލުން ފެންނަ، އަދި އިޙްސާސް ކުރެވޭ ތަރައްޤީ މުހިންމުކަމުގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓް އޮންނަން ވާ ގޮތް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާއިރު، 2 ވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ފާދިއްޕޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު ހެނދުނު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ދެއްކެވި ވާހަކަފުޅުގައި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
ގުޅުންހުރި

ނައިފަރުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ތެރަޕީ ސެންޓަރަކަށް ރައީސް ޒިޔާރާތްކުރައްވައިފި
.jpg&w=3840&q=75)
ބަނދަރު މަޝްރޫއު ނިމިގެންދިޔުމާއިއެކު އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ޅ.ނައިފަރު ވާނެ - ރައީސް

ރައްޔިތުންނަށް ރައްކާތެރި ޞިއްޙަތެއް ހޯދައިދިނުމަކީ މުހިންމު އިންވެސްޓްމެންޓެއް، އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް އެކަމަށް!





