
-
ނޯތު ޕޮލިސް (ނ. ރ. ބ. ޅ) ގައި މަސައްކަތްކުރާ ފުލުހުންނަށް ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފިއެވެ.

މި ކޯހަކީ ނޯތު ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 19 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށެވެ.
މި ކޯސް ފެށުމަށް ރ. އުނގޫފާރު އިސްލާމީ މަރުކަޒު ހޯލުގައި. ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެޑް އޮފް ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ. މި ރަސްމިއްޔާތުގައި، ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ނަބީލްއާއި، ހެޑް އޮފް ސެންޓަރ ފޯ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަމީން އަބްދުލްގައްޔޫމްއާއި، ހެޑް އޮފް މާލެ ކެމްޕަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަބާހްގެ އިތުރުން ނޯތު ޕޮލިހުގެ އަތޮޅު ކޮމާންޑަރުންނާއި، ސްޓޭޝަންތަކުގެ ސީނިއާ ފުލުހުން ބައިވެރިވެލެއްވިއެވެ.
މި ކޯހުގައި ނޯތު ޕޮލިހުގެ ހަތަރު އަތޮޅުން ސާޖަންޓް އަދި ސީނިއާ ސާޖަންޓް ރޭންކުގެ 17 ފިރިހެން ފުލުހުންނާއި އަންހެން ފުލުހަކު ބައިވެރިވެއެވެ.
މި ކޯހުގައި، ޕާސަނަލް ލީޑަރޝިޕް އެންޑް އެތިކަލް ސްޓެންޑަރޑްސް، ސުޕަވައިޒަރީ ސްކިލްސް އެންޑް ޕީޕަލް މެނޭޖްމަންޓް، އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއަރނަސް ފޯ ފްރޮންޓްލައިން އޮފިސަރސް، ކޮމިއުނިޓީ ޕޮލިސިންގ އެންޑް ޕަބްލިކް އެންގޭޖްމަންޓް އަދި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ.
މި ކޯހަކީ މުޅި ރާއްޖެ ހިމެނޭހެން ޑީސެންޓްރަލައިޒްކޮށް ހިންގުމަށް ފަރުމާ ކުރެވިފައިވާ ކޯހަކަށް ވާއިރު، މި ކޯހުގެ ސަބަބުން، ފުލުހުންނަކީ އެއް ރޭންކުން އަނެއް ރޭންކަށް ކުރިއަރައިގެން ދާއިރުއާއި، މަގުމުތައް ހަވާލު ކުރެވޭއިރު، ސީނިއާ މަގާމުތަކުގައި ތިބެ ހިދުމަތް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި ހުނަރު ލައިދީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާ އަދި އެކަންކަން ސުޕަވައިޒް ކުރުމަށް ގާބިލު ބަޔަކު އުފެއްދުން ފަރުމާކޮށްފައިވާ ކޯހެކެވެ.
މި ކޯސް މީގެ ކުރިން ސައުތު ޕޮލިހުގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.