އެއަރޕޯޓްތައް ތަރައްޤީކުރުމުން އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ- ރައީސް
# ރައީސް މުއިއްޒު-
އެއަރޕޯޓްތައް ތަރައްޤީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ށ. ކޮމަންޑޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިޤްތިޞާދު ސިންދަފާތުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީންކުރައްވާކަމުގައިއެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުވަނީ، ހުރިހާ ދާއިރާއަކުންވެސް ދިވެހި އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިލަދުންމަޑުލު އުތުރުބުރިއަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ލުއި ލިބޭނެ އުސޫލުން އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަމަށާއި، އެއަރޕޯޓްތައް ތަރައްޤީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަތުރުވެރިކަން ފުޅާވެގެންދިއުމާއެކު ޒުވާނުންނަށް ރަށާ ކައިރިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށާ، މިފަދަ ކަންކަމަކީ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމުގައި، ޕޭޕަލް ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވާފައި އެވެ.
އެގޮތުން ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާކަން މިއަދު އިޢުލާންކުރައްވާފައިވާއިރު، މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، މިކަންކަމުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ކުރަމުންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
