-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މަސައްކަތް ފަށައި، މިހާރު ހުއްޓިފައިވާ 8 ކްލާސްރޫމްގެ މަސައްކަތާއި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުންނެވެ.
މީގެ އިތުރުން ރަށުގައި ފުލުހުންގެ އިދާރާއެއް އެޅުމަށްޓަކައި، ކުރިން ބޭނުންކުރި ސްކޫލް ހުރި ބިން ކައުންސިލާއި ޙަވާލުކުރުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ އިތުރުން ރަށުގައި ނިމިފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް އަވަހަށް ފެއްޓެވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް ބަދަލުކުރައްވައި، އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ކުނިކޮށްޓަކާއި، ރަށުގައި އައު މިސްކިތެއް އެޅުމާއި، ހޭންޑް ބޯލް ކޯޓެއް އެޅުމާ އަދި ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމުގެ އިތުރުން ރަށުގައި އިންޑޯ ޖިމެއް ހައްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ގުޅުންހުރި

ފޯކައިދޫ ސިއްހީ މަރުކަޒުގައި ޤާއިމުވެ ހުންނާނޭ ފިޒީޝަނެއް ދާދި އަވަހަށް ހަމަޖައްސަވައިދެއްވާނަން - ރައީސް
