
އިނގިރޭސި ސަފީރާއި އެކު ކޮޕް30 ސަމިޓާއި ގުޅޭގޮތުން މަޝްވަރާކޮށްފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ތިމާވެއްޓާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ އެޗް.އީ. ނިކް ޑީ. ލޯއާ ބައްދަލުކުރައްވައިފިއެވެ.

ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި، ކުރިއަށް އޮތް ކޮޕް30 ސަމިޓަށް ތައްޔާރުވުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި ހަޔާތީ ގޮތްތަކުގެ ތަފާތު ދެމެހެއްޓުމުގެ ދާއިރާގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެ ގުޅިގެން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައި އޮތް މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ކޮޕް30 ސަމިޓަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ކަމުގައިވާ ހަޔާތީ ގޮތްތަކުގެ ތަފާތު ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
މި ބައްދަލުވުމަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށާއި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވުނު މުހިންމު މަޝްވަރާތަކެކެވެ.
މި މަޝްވަރާތަކުން ދައްކުވައިދެނީ، ދެ ގައުމުން ވެސް ތިމާވެށީގެ ދާއިރާއަށް ދެމުންދާ ސަމާލުކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް ދެމުންދާ އިސްކަމެވެ.
ގުޅުންހުރި

އިނގިރޭސި ސަފީރާއި އެކު ކޮޕް30 ސަމިޓާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ވ ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ބިނާކުރަން ސޮއިކޮށްފި

މިނިސްޓަރު ތޯރިގް، ޔޫއެންއީއޭ ރައީސްއާއި ބައްދަލުކުރައްވައިފި
