logoEN
Sto top
ޑްރަގް ޕްރިވަލަންސް ސާވޭއާއެކު މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެ - އިހްސާން

ޑްރަގް ޕްރިވަލަންސް ސާވޭއާއެކު މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެ - އިހްސާން

އަހުމަދު ޝުރާއު

logo

10/7/2025, 12:13:32 PM

# އަލީ އިހްސާން

-

ޑްރަގް ޕްރިވަލަންސް ސާވޭއާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެއްޗާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ މަސްތުވާކެތީގެ ހާލަތާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވާ ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ޑްރަގް ޕްރިވަލެންސް ސާވޭއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން، މި ސާވޭ ހެދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަދި މި ސާވޭ ހެދުމަށް އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ ގައިންގަޔަށް އަރާ ބަލިތަކާއި އެ ނޫންވެސް ބަލިތައް އެ މީހުންގެ ފަރާތުން ފެތުރުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެފަދަ ބަލި މީހުން ދެނެގަނެވުމާއެކު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ މީހުންގެ އާއިލާތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެންޑީއޭއިން ގެންގުޅޭ ސިޔާސަތަކީ އެ މީހުންގެ ސައިކޭޓްރިކް އިވެލުއޭޝަން ހަދައި، ސައިކޭޓްރިކް ފަރުވާއާއި ސިމްޕްޓޮމެޓިކް މެޑިކަލް ޓްރީޓްމަންޓުގެ ގޮތުގައި ދޭންޖެހޭ ފަރުވާއާއެކު ފަރުވާގެ ޕްލޭން ހަދައި، އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދެމުން ގެންދިއުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ،

އަދި އެންޑީއޭއިން ރިސަރޗް އެނަލިސިސް ހެދުމަށްޓަކައި ޕާޓީ ޑްރަގް ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށްޓަކައި ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރިއަށްގެންދާ ސާވޭގައި އެންޑީއޭއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމަންޓުތަކުންނާއި ޓެސްޓްކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކުން ޑޭޓާ އެއްކުރާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށްގެން ލިބޭ ރިޕޯޓުތައް އެ މުއައްސަސާއިން އެންޑީއޭއާ ހިއްސާކުރަމުންދާކަން ވަޒީރުގެ ޖަވާބުގައިވެއެވެ.

އަދި މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC