
-
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ނޫމަރާ / ފަޒާ، ޙަސަން ރާމިޒް (25އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ސެޕްޓެންބަރު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަނުގައި ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ޙަސަން ރާމިޒް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ސެލޯފިންކޮޅު (ވަގުތީ ބަރުދަން 8.7 ގުރާމް) އަދި ކުށްކޮގެން ހޯދާފައިވާކަމަށް ބެލެވޭ 1400 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން ރާމިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.







