
ހަންކެޑަ ތަރައްޤީކުރުމަށް އާ މަސައްކަތްތަކެއް، ދޮންހެރަ "ހަލާލް ޓޫރިޒަމް" އަށް ބީލަމަށް ހުޅުވާލަނީ
# ހަންކެޑަ-
އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އާ ސިޔާސަތެއް ތަންފީޒުކުރަން ނިންމައިފިއެވެ.

އެމިނިސްޓްރީން ބުނީ ، ހަންކެޑަ ތަރައްޤީކުރުމަށް ކުރިން ވެފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ބީލަމުގެ އުސޫލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން، ހަންކެޑަގެ ބަދަލުގައި، އައްޑޫ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް އިއްޔެ ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން، 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025) އިން، އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު ވެސް އުވާލެވޭނެއެވެ. އަދި މިރަށް "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން ވެސް ވަނީ އުނިކޮށްފައެވެ.
މި ބަދަލުތަކާއެކު، އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓަމުން ދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިންނެވެ. އަދި ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް ވެސް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ އަހަރުގެ ތެރޭގައި ފެށި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި އެރަށް އޮޕަރޭޝަންސްއަށް ގެނައުން ކަމަށެވެ.




