އަންނަ ހުކުރުގައި މަގުތަކަށް ކުށްކުރާ ގްރޫޕްތައް ނެރެ މާލެތެރެ ހަލަބޮލި ކުރަންއުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތްފުލުހުން:- ގާފު ފޮޓޯ | އަހުމަދު ޝުރާއު
ސިޔާސީ ބައެއް ފަރާތްތަކުން މަގުތަކަށް ކުށްކުރާ ގްރޫޕްތައް ނެރެ މާލެތެރެ ހަލަބޮލިކުރަންއުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.

ފުލުހުން މިފަދައިން ތުހުމަތުކޮށްފައިވަނީ ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތާގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި އެވެ.
ފުލުހުން ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ޚިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއް ކަމަށެވެ.
ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، ހުކުރު ދުވަހު ބާއްވާ ހަރަކާތް ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި ދެކޭކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
އެހެންކަމުން، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ބުނެފައި އެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ބަޔާން ނިންމާލަމުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި 22 އަހަރުގެ އަންހެނަކު ހައްޔަރަށް!

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް!

ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންގޮސްފި




