
1988 ގެ ފަހުން ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑުން ލީގުގެ ފުރަތަމަ ހަ މެޗު ކާމިޔާބުކޮށްފި
# ލެވާންޓޭ# ރެއާލް މެޑްރިޑް# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރުރެއާލް މެޑްރިޑާއި ލެވާންޓޭ ވާދަކުރި މެޗުގެ ތެރެއިން .
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ލެވާންޓޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ލެވާންޓޭ އިން ލީގުގައި ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
މިސީޒަނުގައި ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވިއިރު، މިއީ 1987/88 ގެ ސީޒަނަށްފަހު ލީގުގެ ފުރަތަމަ ހަ މެޗުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޕަނިއޯލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލެވާންޓޭ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. އަދި އޭގެ 10 މިނެޓްފަހުން ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޒުވާން ފޯވާޑް ފުރެންކޯ މަސްޓަންޓުއޮނޯ އެވެ.
މިއީ އުމުރުން 18 އަހަރުގެ މަސްޓަންޓުއޮނޯ ރެއާލް މެޑްރިޑަށް ކުޅެދިން ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަަމަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ލެވާންޓޭ އިންނެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވާޑް އެޓާ އިޔޯންގް އެވެ.
ލެވާންޓޭގެ ލަނޑަށްފަހު ރެއާލް މެޑްރިޑުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 64 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ފެނަލްޓީއެއްގައި، ކާމިޔާބުކޮށްދިނީ އެޓީމު ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އަދި އޭގެ ދެމިނެޓްފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުން ހަ މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.