-
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމް "ކަމަނާ" އުފެއްދި ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމް "ކަނބުލޮ" އަށް ބެލުންތެރިންގެ ތަރުޙީބު ބޮޑުވެފައިވާއިރު، މި ފިލްމަކީ ހަމައެކަނި ފިލްމެއްގެ ގޮތޮގައި ނިންމާލެވޭ ވަރަށްވުރެ ވަރުގަދަ، އިބްރަތްތެރި މެސެޖެއް ބެލުންތެރިންނަށް ދޫކޮށްލި މެސެޖެކެވެ.

އިނގިރޭސި ސަބްޓައިޓަލްސް އާއި އެކު ދައްކަމުންދާ މިފިލްމްގެ އިންޓަވަލް ކުރިން އެކި ރަހަތައް ގެނެސްދެމުންދިޔައިރު އިންޓަވަލް ފަހުން ވަނީ ބެލުންތެރިންގެ ހިތްތައް ދަމައިގަނެ، ލޮލުން ކަރުނަ އޮހުވާލާފައެވެ. އަދި ފިލްމް ނިންމާލީ މައިތިރިވެފައި ތިބި ބެލުންތެރިން އުފަލުން ހެއްވާލަމުންނެވެ. ބޭއިޚްތިޔާރުގައި ބެލުންތެރިންނަށް އަތްތިލަބަޑި ޖަހާލެވުނު މިފިލްމްއިން ދިވެހި މުޖްތަމަޢު އަށް ހެޔޮވަރު މެސެޖެއް ދިނެވެ. ފިރިހެނުންނާއި އަންހެނުންނަށް ދޫކޮށްލި މެސެޖުން ކޮންމެ "ކަނބުލޮ" އަކަށް ހިމަޔާތްދީ ރައްކާތެރިކުރުމަށް ހަނދާން ކޮށްދިން ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
މިހާރުވެސް އޮލިމްޕަހުގައި ރޭގަނޑު އަދި ދަންވަރު ހައުސްފުލް ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭ އެކި ރަށްތަކުގައި ޝޯތައް ދަނީ އަޅުވަމުންނެވެ. އަދި މާލޭގައި ޝޯ ތަކުގެ ޑިމާންޑު ބޮޑުވާތީ، ރޭގަނޑު ދެ ޝޯއާއި، މެންދުރުފަހުގެ ޝޯތަކަށް ދަނީ ޓިކެޓް ވިއްކަމުންނެވެ.
މިއަހަރު މިހާތަނަށް އެޅުވޭ އެންމެ މަޤުބޫލު ފިލްމެއްގެ ގޮތުގައި ގިނަ ބެލުންތެރިން ސިފަކުރަމުންދާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.
"ކަނބުލޮ" ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މިފިލްމުގެ މައިގަޑު ތަރިންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. އަދި ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް "ކަމަނަ" ފިލްމުގެ ޕްރޮޑިއުސާރ އަދި ސެޓާން ސްޓޫޑިއޯގެ ވެރިޔާ އަލީ ޝާނިޒް މުހައްމަދު އެވެ.





