
އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް މިއަދު ދިން ވައިގެ ހަމަލާ ގަތަރު ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ހަމާސްގެ ސިޔާސީ ބިއުރޯގެ ބައެއް މެންބަރުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާ އެގައުމުން "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.
"މި ހަމަލާއަކީ ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކާއި އުސޫލުތަަކަށް ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވެފައިވާ އަދި ގަތަރުގެ ރައްޔިތުންނާއި ގަތަރުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި ހަމަލާއެއް" ބަޔާނުގައިވެ އެވެ.
މަޖީދު އަލް އަންސާރީގެ ބަޔާނުގައި ވަނީ މި ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކާއި ސިވިލް ޑިފެންސް އަދި ކަމާބެހޭ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެގައުމުގެ ރައްޔިތުންނާއި ވަށައިގެންވާ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފެށިކަން ކަށަވަރުކޮށްދެއްވާފައި އެވެ.
އިސްރާއީލުގެ މި ފަރުވާކުޑަ އަމަލާއިއެކު ސަރަހައްދީ ސަލާމަތަށް ބުރޫއަރުވާފައިވާކަން ފާހަގަކޮށް އެގައުމުގެ ސަލާމަތާއި އިސްތިގުލާލަށް ބުރޫ އެރުވުމަށް ކުރާ އެއްވެސް އަމަލެއް ބަލަން ނުތިބޭނެ ކަމަށްވެސް އޭނާގެ ބަޔާނުގައި ވިދާޅުވި އެވެ. އަދި މި ހަމަލާގެ ތަހުގީގު އެންމެ މަތީ ފެންވަރުގައި ކުރިއަށްދާއިރު، އިތުރު ތަފްސީލުތައް ލިބުނުހާ އަވަހަކަށް އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހަމަލާގެ ޒިންމާ މިހާރު އިސްރާއީލުން އުފުލާފައިވާއިރު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި މި ހަމަލާއަކީ ސީދާ އިސްރާއީލުން ދިން ހަމަލާއެއްކަން ކަށަވަރުކޮށްދީފައި އެވެ.
ގުޅުންހުރި

އެމެރިކާއިން ބުނަނީ ހަމަލާ ދިނުމުން ކުރީން އެމައުލޫމާތު ގަތަރަށް ދިން ކަމަށް: ގަތަރުން ބުނަނީ އެއީ ދޮގެއް ކަމަށް!

ހަމަލާދޭން އުޅޭކަން އެނގުނު، ގަތަރުގެ ފަސްގަނޑުގައި ދެން އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ގަތަރުގެ އަމީރަށް ޓްރަމްޕު ދީފި - އެމެރިކާ

އިސްރާއީލުން ދޯހާއަށް ދިން ހަމަލާގައި ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވި - ގަތަރު
