logoEN
WAMCO TOP 1
150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއިއެކު މީޑިއާ ބިލް ބޭރުކޮށްލަން އެދި ޕެޓިޝަނެއް ރައީސަށާއި މަޖިލީހަށް!

150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއިއެކު މީޑިއާ ބިލް ބޭރުކޮށްލަން އެދި ޕެޓިޝަނެއް ރައީސަށާއި މަޖިލީހަށް!

އަހުމަދު ޝުރާއު

logo

9/3/2025, 10:47:12 AM

# މީޑިއާ ބިލް

-

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ބޭރުކޮށްލަން އެެދި ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

THE TRAVELLER AD

މިނިވަން މީޑިއާއަށް ހުރަސްއެޅޭގޮތަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ ބިލުގެ މަސައްކަތް މަޖިލީހުން ކުރަމުންދާއިރު އެ ބިލުގައި ހުރި މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަދި އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެދި ހުށަހެޅި އެ ޕެޓިޝަނުގައި 40 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކޮށްފައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ އެބިލު ފަރުމާކޮށްފައިވަނީ ނޫސްެރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށް ކަމަށާއި ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށް ކަމަށްވެސް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން އެ ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ. އަދި މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ތެރެއިން ހައްގެއް ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން އަދި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓި ދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ގާނޫނު އަސާސީގައި އޮތުމުން އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެެ ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑު ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު،އަނބުރާ ގެންދިއުމަށް އެދި ގޮވާލާ 151 ނޫސްވެރިންގެ ސޮޔާއެކު ހުށައަޅާފައިވާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ މިހާރު ހުށަހަޅުއްވާފައި އެވެ.

މި ޕެޓިޝަން ހުށަހެޅުމަށްޓަކައި ނޫސްވެރިންގެ ޖަމިއްޔާއާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ މިއަދު ރައީސް އޮފީހަށާއި މަޖިލީހަށް ގޮސްފައި އެވެ.

ކޮމެންޓް
ފަހުގެ
HDC