
އެމެރިކާގެ ޓެރިފްއާއި އެކު ޒަމާންވީ އިންޑިއާ - އެމެރިކާ ގުޅުން ހަރާބުވެފައި: މޯދީ ހިޔާރުކުރެއްވީ ޗައިނާއާއިއެކި ގުލުން އިތުރަށް ބަދަހިކުރަން!
# ޗައިނާ - އިންޑިއާ-
އެމެރިކާއިން އިންޑިއާގެ އުފެއްދުންތަކުން ބޮޑެތި ޓެރިފްތަކެއް ނަގަން ފެށިތާ ފަސް ދުވަސް ފަހުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައުލޫމާތު ދެއްވައިފިއެވެ.

މިއަދު ޗައިނާގެ ޓިއަންޖިންގައި ފެށުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ މިހާރު ވަނީ އެގައުމަށް ވަޑައިގެންފައި އެވެ. އެގޮތުން ސަމިޓުގެ ހަވާސާގައި މޯދީ އާއި ޝީ އާއި ދެބޭފުޅުންގެ ރަސްމީ މަޝްވަރާތައް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
މި ބައްދަލުވުމުގައި ވޯދީ ވިދާޅުވީ ދެގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި އިތުބާރާއި އިހުލާސްތެރިކަމުގެ މައްޗަށް ބިނާކޮށް ގުޅުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.މީގެ އިތުރުން ޝީ ވަނީ އިންޑިއާއާއެކު ބޯޑަރުގެ މައްސަލަތައް ހައްލުކޮށް، ގުޅުން ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. އަދި ޓިއާންޖިން ބައްދަލުވުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ޝީ ވިދާޅުވިއެވެ.
ޝީ ވިދާޅުވީ ޗައިނާ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ކަނޑައެޅުމަށް ބޯޑަރުގެ މައްސަލައަށް ދެ ފަރާތުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ދެ ގައުމުގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ އިގްތިސާދީ ތަރައްގީ ކަމަށެވެ.
ޝީ ވިދާޅުވީ ވާދަވެރިންގެ ބަދަލުގައި ޕާޓްނަރުންގެ ގޮތުގައި ތިބުމުގެ މައިގަނޑު މަގްސަދުގައި ދެ ގައުމު ދެމިތިބޭހާ ހިނދަކު އަދި ނުރައްކާތައް ހުށަހެޅުމުގެ ބަދަލުގައި ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަމާލުކަން ދޭހާ ހިނދަކު ޗައިނާ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ކުރިއަރައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރާނެ ކަމަށެވެ.
މޯދީ އާއި ޝީ ދެގައުމުގެ ގުޅުން އިހުނަށްވުރެ ބޮޑަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފައި މިވަނީ އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން ޒަމާނުއްސުރެ އިންޑިއާގެ މިތުރެއްގެ ގޮތުގައި އޮތް އެމެރިކާއިން އިންޑިއާގެ މުދަލުން 50 އިންސައްތަ ބޮޑު ޓެރިފެއް ނެގުމާ ގުޅިގެންނެވެ.