
މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލެ ރީތިކޮށް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ. އަދި މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް، މޭޔަރ ފާހަގަކުރެއްވިއެވެ.
މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގަކީ، ހިތްހަމަ ޖައްސައިލުމަށް ކުޑަކުދިން ގޮވައިގެން، ވަރަށް ގިނަ މީހުން ދުއްވާ މަގަކަށް ވާއިރު، މި މަގުގެ ބައެއް ފާރު ތަކާއި، ވަށައިގެން ލެވިފައިވާ ތޮށިގަނޑުގެ ބައެއް ހިސާބުތަކުގައި، ޢާއްމު ޢިޖުތިމާޢީ މިންގަޑުތަކާ ޚިލާފު ކުރެހުންތަކާއި، ގްރެފިޓީތައް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މި މަސައްކަތް ނިމޭއިރު މި ހުރިހައި ކުރެހުންތައް ވެސް ނެތިގެންދާނެއެވެ.
މޭޔަރ ޢާޒިމް ވަނީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުރިތަކާއި އެކިއެކި ބޯޑުތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރައްވާފައެވެ. މި ފަދަ ޢަމަލުތައް ނުކުރެއްވުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގަންނަވާކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތަކީ، މާލެސިޓީ އަކީ ހިތްހަމަ ޖެހޭ އުފާވެރި އަދި ރައްކާތެރި ތަނަކަށް ހެއްދެވުމަށް، މޭޔަރ އާދަމް ޢާޒިމް ފައްޓަވާފައިވާ މަސައްކަތަށް އަންނަމުންދާ ހެޔޮ ބަދަލަށް އިތުރުވެގެންދާނެ ކަމެވެ. މޭޔަރ ޢާޒިމް މޭޔަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން، މާލެ ސިޓީއަށް، މި ފަދަ ހެޔޮ ބަދަލުތައް އަންނަމުންދާކަން ރައްޔިތުންދަނީ ފާހަގަކުރަމުންނެވެ.
ގުޅުންހުރި

މާލޭގެ މަގުތަކަށް ކުނިއަޅައި، މަގުތައް ހަނޑިކުރާ ބިދޭސީންނަށް ފިޔަވަޅުއަޅަން މަޝްވަރާކޮށްފި

ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ، ފޭސް 2 ގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފި

މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
