
އަމާޒަކީ ހުރިހާ ހިދުމަތްތަކާއިއެކު ހަނިމާދޫ އެއާޕޯޓު އަންނަ ނޮވެމްބަރަށް ހުޅުވުން - ރައީސް
# ރައީސް މުއިއްޒު-
ހަނިމާދޫގައި ތަރައްޤީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
މިގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރަށުގެ އެންމެ މުހިންމު މަޝްރޫޢުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއަރޕޯޓު ނަމަވެސް ތަރައްޤީކުރުމަށްވެސް އެންމެ ގިނަ ދުވަސްނެގި އެއަރޕޯޓްކަމަށެވެ.
އެއެއާޕޯޓުގެ މަސައްކަތް ޒަމާނީ ފެންވަރަށް ގިނަ ވަސީލަތާއެކު އެންމެ ހަލުވި ސްޕީޑުގައި ނިންމުމަށް މަސައްކަތްކުރަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެންމެ ލަސްވެގެން ހުރިހާ ޚިދުމަތަކާއެކު އަންނަ ނޮވެމްބަރ މަހު އެއާޕޯޓު ބޭނުންކުރަން ފެށޭވަރަށް ނިންމުން ކަމަށެވެ. އަދި އެއެއާޕޯޓު ހުޅުވިގެންދާއިރު އެއެއާޕޯޓަކީ އިންޓަރނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށްވުމުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެއްފަދައިން ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެކަން ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.
މީގެ އިތުރުން އެރަށުގައި ޑޮލަރު އޭޓީއެމްއެއްވެސް ދާދި އަވަހަކަށް ގާއިމްކުރައްވާނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތާއެކު ޓޫރިޒަމް ހަނިމާދޫގައި ކުރިއަރާނެކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށެވެ.