
--
އއ. ފެރިދޫ ދޯނި އެހެލާ ސަރަޙައްދު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީ އެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 13،420،317.60 ރުފިޔާއަށް 155 ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ފެރިދޫ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 73 މީޓރުގެ ބޮޑުހިލައިގެ ބޭރު ތޮށި އަދި 70 މީޓަރުގެ ބޮޑުހިލައިގެ ދެ ފައިކަށި ޖެހިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.




