logoEN
Sto top
ޖާގަ އިތުރުކޮށް، އޮޅުހިޔާއަށް އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި

ޖާގަ އިތުރުކޮށް، އޮޅުހިޔާއަށް އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

8/2/2025, 6:48:54 PM

# އޮޅުހިޔާ

-

އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، ވިއްސާރައާއި ގުޅިގެން މެދުކެނޑާލުމަށްފަހު، އަލުން މިއަދު ފަށައިފި އެވެ.

Wamco

ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ބުނީ އޮޅުހިޔާ ފެސިލިޓީ ފަށައިގަނެވުނު އިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތް ކަމަށާއި އެހެންކަމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ ވެއްދުނީ 15 ބުޅާ ކަމަށެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފައިވާ ކަމަށާއި ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައިވާކަން ވަނީ ހާމަކޮށްފައި އެވެ.

އެއަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގަިއ ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ޖުލައި މަހު، 28 ބުޅާ މާލޭގެ އެކި ސަރަހައްދުތަކުން އޮޅުހިޔާގެ ކަރަންޓީން އަށް ވަނީ ލާފައި އެވެ.

އެހެންނަމަވެސް މޫސުމް ގޯސްވުމާއި އެކު، މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހ މިއަދު( 2 އޯގަސްޓް 2025) ގައި އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ވަނީ ކޮށިތަކަށް ބަދަލުކޮށްފައެވެ. އަދި ޖުމްލަ ފެސިލިޓީއަށް، 75 ބުޅާވަނީ ނެގިފައެވެ.

މިއަދު ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ،މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައްވަނީ ފެސިލިޓީއަށް ނަގާފައެވެ.

ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ މިއަދު ވަނީ ނަގާފެއެވެ. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާވެސް ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC