
--
އަންނަ ސެޕްޓެމްބަރުގެ މަހުގެ ތެރޭގައި މަގޫދޫގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތިން މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މަގޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގޫދޫގެ ހެލްތު ސެންޓަރުގެ އައު އިމާރާތުގެ މަސައްކަތާއި ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ އިތުރުން ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވޭނެ ކަމަށެވެ. އެގޮތުން ސްކޫލުގެ އައު އިމާރާތް ވެގެންދާނީ އިތުރު ކްލާސްރޫމްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލަތްތަކާއި އެކު ތަރައްޤީކުރެވޭނެ އިމާރާތެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު ސެންޓަރުގެ އައު އިމާރާތުގެ މަސައްކަތް މިހާރު ޓެންޑާ އިއުލާންކުރެވި ބިޑުތައް ބަލައިގަނެ އިވަލުއޭޝަން ސްޓޭޖުގައި އޮތް ކަންވެސް ރައީސް ހާމަކުރެއްވި އެވެ. ރައީސް ވިދާޅުވީ މި އައު އިމާރާތާއިއެކު ހެލްތު ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި އެ އިމާރާތް ނިމިގެންދާއިރު ހެލްތު ސެންޓަރުގެ ވަސީލަތްތަކާއި ހިދުމަތްތައްވެސް އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ. މިގޮތުން މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް މިދަތުރުފުޅު ނިންމާފައި މާލެ ވަޑައިގެން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ފެށުމަށްޓަކައި ވުޒާރާތަކުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިަޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަސައްކަތްވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މަގޫދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތްވެސް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވި އަންނަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލުކުރެވޭނެކަންވެސް ރައީސް ހާމަކުރެއްވި އެވެ. އަދި މިމަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވައުދުވި ފަދައިން ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއްވެސް ތަރައްޤީވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.





