
އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީ
# ވީއައިއޭ އައު ޓާމިނަލް--
ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ރައީސުންނަށްވެސް ދައުވަތު އެރުވުމަށް ނިންމައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިރޭ ބުނީ އައު ޓަރމިނަލް ހުޅުވުމަށް މިއަހަރުގެ މިނިވަން ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދުނިޔޭގައި ތިއްބެވި ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް އެރުވުމަށް އެކުންފުނީން ނިންމާފައިވާ ކަމަށެވެ.
އަދި އެ ދަޢުވަތު ވަރަށް އަވަހަށް އެ ބޭފުޅުންނަށް ފޮނުއްވާނެކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައި އެވެ.
މީގެ އިތުރުން އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވަންވެސް އެކުންފުނީން ވަނީ ނިންމާފައި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ޒަމާނީ ޓާމިނަލް ހުޅުވުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވަން އެމްއޭސީއެލް އިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ގުޅުވާ، މިމަހުގެ 26 ވަނަ ދުވަހުއެވެ.