
--
ސަރުކާރުން ކުރިޔަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން އަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ ފުރުތަމަ ޑިގްރީ ސްކީމްގެ މުހިއްމު ތަފާސް ހިސާބުތައް ވަނީ އެ ވުޒާރާ އިން ޝާއިޢުކޮށްފައެވެ.
ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން، މިހާތަނަށް ޖުމްލަ 235،843،017.62 ރުފިޔާ ދަރިވަރުންނަށް ދޫކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރެވިފައިވަނީ ޖުމްލަ 85،478،150.89 ރުފިޔާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައި އެވެ.
މި ވަގުތު ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރަމުންދަނީ ޖުމްލަ 8،086 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 3،039 ފިރިހެން ދަރިވަރުން އަދި 5،047 އަންހެން ދަރިވަރުން ހިމެނެއެވެ.
މި ހާތަނަށް ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން، ޖުމްލަ 5،412 ދަރިވަރުން ވަނީ މަތީ ތަޢުލީމު ހާޞިލުކޮށް ދަސްވެނިވެފައެވެ. އަދި މި ސްކީމްގެ ދަށުން މި އަހަރު މިހާތަނަށް ދަސްވެނިވެފައިވާ ދަރިވަރުންގެ އަދަދަކީ 2،068 އެވެ.