logoEN
Sto top
ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމުން ފައްޔާޒުގެ ނުރުހުން: " އެއީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް"

ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމުން ފައްޔާޒުގެ ނުރުހުން: " އެއީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް"

އަހުމަދު ޝުރާއު

logo

6/29/2025, 6:07:15 PM

# ފައްޔާޒް އިސްމާއިލް

--

އައްޑޫ ސިޓީގެ "ހަންކެޑެ" ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމަށް ސަރުކާރުން މިއަދު ނިންމި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފާޑުވިދާޅުވެއްޖެ އެވެ.

Wamco

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި މިގޮތުން އައްޑޫ ސިޓީގެ ހަންކެޑެ (LD0219) "ހަލާލް ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެ ވުޒާރާއިން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

މިކަމާއި ގުޅިގެން ފައްޔާޒް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީ ސަރުކާރުން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް ހާއްސަކުރީ އެ މަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓައިލުމަށް ކަމަށެވެ.

އަދި ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ކަމަށާއި އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ހަންކެޑެ މަޝްރޫއުއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށާއި އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ ކަމަށެވެ.

" މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް. އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި. " ފައްޔާޒުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ އެމްޑީޕީގެ ސަރުކާރުގައި 2023 ވަނަ އަހަރު އެވެ. އޭރު އެކޮނޮމިކް މިނިސްޓަރަށް ހުންނެވީ ފައްޔާޒު އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއި އެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަން އެކުންފުންޏާއި އެމްޑީޕީ ސަރުކާރުން ހަވާލުކުރީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside