logoEN
Sto top
މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

އަހުމަދު ޝުރާއު

logo

6/22/2025, 7:15:48 AM

# ފޮރިން މިނިސްޓަރ

-

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތުރުކީގެ އިސްތަންބުލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

Wamco

އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ދެއްވި ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލުކުރުމަށް އަދި ސުލްހައާއި އިންސާފް ގާއިމްކުރުމަށް އޯ.އައި.ސީ. ހަރުދަނާކޮށް އަދި މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، އިސްރާއީލުން މެދުކެނޑުމެއްނެތި ޢައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އެރުވިއެވެ. އަދި ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއްކަމަށާއި އަދި މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، އިސްރާއީލުން އިރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައިވެސް ދިވެހި ވަފްދުން ވަނީ ބައިވެރިވެފައެވެ.

އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު، ޑޮކްޓަރ ޚަލީލް ވަނީ ޓަޖިކިސްތާން ގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ތެރެއިން ގުޅުން ވަރުގަދަކޮށް އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލްގެ އަރިހުގައި، ދިވެހިރާއްޖެއިން އޯ.އައި.ސީ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަޙްމަދު ސަރީރު، ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޑިރެކްޓަރ ފާތިމަތު ރަޒާނާ، ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އައިޝަތު ރައިހާނާ ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside