
-
ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަނަރަކަށް އިސްމާއީލް ނަވީން އައްޔަނުކުރައްވައިފި އެވެ.

ނަވީން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢައްޔަންކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ނަވީންއާއި ބައްދަލުކުރައްވާފައި އެވެ. އަދި އެބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާއިއެކު އެކު ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިހުރީ މިއަދު ޕޮލިސް ކޮމިޝަނަކަށް އައްޔަނުކުރި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ނަވީން އާއިއެވެ.
ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ. އަދި ޕޮލިސް ބޯޑުން ވަނީ އެ ތިން ބޭފުޅުން ވެސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ގޮތެއް ނިންމެވުމަށް ހޯމްލޭންޑް މިނިސްޓްރީއަށް ނަންތައް ފޮނުއްވާފައި އެވެ. މިނިސްޓަރުގެ ލަފައާއި އެކު ގޮތެއް ނިންމެވުމުގެ ފުރިހަމަ ބާރު އޮންނަނީ ރައީސްގެ އަތްޕުޅުގައި އެވެ.
ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.