
މޫސުން ވަރަށް ގޯސް: ގަދަ ވަޔާއި ބޯވިއްސާރައާއި އެކު ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު މިރޭގެ ދަންވަރާއި ހަމައަށް ދަންމާލައިފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިރޭ މެންދަމު 03:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގައި މުއްދަތުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުމުގެ އިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދެއް އޮތީ ހުދު ސަމާލުގައި އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންގާރަ ނެރުނު މޫސުމީ އިންޒާރެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ ކުރިޔަށް އޮތް 5 ދުވަސް ކަމަށްވާ މެއި 27 އިން 31 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
މިއާއިއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރީން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.