
ބީއެމްއެލް އިން ހިއްސާދާރުންނަށް 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި
# ބީއެމްއެލް--
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފިއެވެ.

ބީއެމްއެލްއިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ޖުމުލަ މަގުން ޖުމްލަ 296 މިލިއަން ރުފިޔާގެ ފައިދާއެއް ބަހަން ވަނީ ފާސްކޮށްފައި އެވެ.މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ މި ރެކޯޑު އަދަދުގެ ފައިދާއަކީ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލެއްވުމަށާއި ކުރައްވާ އިތުބާރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެން ކުރިމަގުގައިވެސް މާލީ ކުރިއެރުން ހޯދުމާއެކު، އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމި ތިބޭނަން." ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށާއި މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8% ގެ ކުރިއެރުމެއް ކަމަށެވެ. ބޭންކުގެ ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގައިކަން ހާމަކުރައްވައި ޝަރީފް ވިދާލުވީ ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58% ކަމަށެވެ.
" މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލް ކުރައްވާ އިތުބާރު." ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58% ގައި، މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް. މި އަދަދުތަކުން އަޅުގަނޑުމެންގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ޚިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ. މި ގޮތުން މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ %99 ހިންގަނީ ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މިއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކަމަށާއި މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި ކަމަށެވެ.
ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ގުޅުންހުރި

ބީއެމްއެލްގެ ޗެއާޕަރސަން އާއި ބޯޑު މެމްބަރުން އައްޔަންކޮށްފި

ބީއެމްއެލް އިން ހިއްސާދާރުންނަށް 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި

ބީއެމްއެލްގެ އަމާޒަކީ ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުން - ޝަރީފް
