logoEN
Sto top
 މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ނިންމައިފި

އަހުމަދު ޝުރާއު

logo

5/28/2025, 3:40:09 PM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ކައުންސިލުން ނިންމައިފި އެވެ.

Wamco

ކައުންސިލުން މި ގޮތަށް ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 196 ވަނަ ޢާންމު ޖަލްސާގައި ކުރެވުނު މަޝްވަރާއަށް ފަހުއެވެ.

މި ކަމާ ގުޅިގެން ކުރެވުނު މަޝްވާރާގައި ވާހަކަފުޅު ދައްކަވަމުން، މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދު ކުރާ ކަމަށެވެ.

ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްގެ އިތުރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ މި ކަމަށް ތާއީދު ކުރައްވާފައެވެ.

އާސަންދައިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކެންސަރަކީ ޞިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، އިޤުތިޞާދީގޮތުން ވެސް ގިނަ ފައިސާތަކެއް ޚަރަދުކުރަން ޖެހޭ ކަމަކަށް ވާތީ މި ކަން ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.

ފަހަކަށް އައިސް މާލެ ސިޓީކައުންސިލަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން އަންނަ ކައުންސިލެކެވެ. އެހެން ކަމުން ކެންސަރ ސޮސައިޓީން އެދި ލެއްވި ގޮތަށް، މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ އެއް ވެސް ޙަފުލާއެއްގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC