
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހަދަކަށް ހުދު ސަމާލު!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހަދަކަށް ހުދު ސަމާލު ނެރެފި އެވެ.

މުސުމާއި ބެހޭ ގައުމި އިދާރާއިން މިއަދު މެންދުރު ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިއަދުގެ 14:00 އިން ފެށިގެން މިރޭގެ 20:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު މޫސުމީ އިންޒާރެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ ކުރިޔަށް އޮތް 5 ދުވަސް ކަމަށްވާ މެއި 27 އިން 31 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
މިއާއިއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރީން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.