
--
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ފަރާތުން "ޢިލްމީ ބައްދަލުވުން 2" ގެ ދަށުން "އިޖްތިމާޢީ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން-އެންމެން ޝާމިލްވާ ހަމަހަމަ އަދުލުވެރި މުޖަތަމައުއެއް"ގެ ނަމުގައި ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ސެޝަންގައި، ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ ގޮންޖެހުންތަކާއި، އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޕެނަލިސްޓުންގެ މެދުގައި މަޝްވަރާކުރެވޭނެއެވެ. އެގޮތުން، އެންމެން ޝާމިލްވާ ހަމަހަމަ އަދުލުވެރި މުޖުތަމައެއް ބިނާކުރުމުގެ މައްޗަށް ވެސް މި ސެޝަންގައި އަލިއަޅުވައިލާނެއެވެ.
28 މެއި 2025 ވާ ބުދަ ދުވަހުގެ 20:15 ގައި އައިޔޫއެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގެ މޮޑަރޭޓަރ އަކީ ކުއްލިއްޔާ އޮފް އެޑިޔކޭޝަން، ސީނިއަރ ލެކްޗަރަރ، ވިސާމާ ހަސަނެވެ.
މި ސެޝަންގައި، ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލައްވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް، އަޙްމަދު ޝަފީޢު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު ޝާކިރު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން ޗީފް ސޯޝަލް ސަރވިސެސް ވޯކަރ، ފާތިމަތު ލީނާ އަދި ކުއްލިއްޔާ އޮފް އަރަބިކް ލޭންގުއޭޖްގެ ފަރާތުން ޑީން، ފައްޔާޟު ޢަލީ މަނިކެވެ.