
މިރޭ އުތުރުގެ ބައެއް ރަށްތަކަށް އުދަައިގެ އަސަރުކުރުން އެކަށީގެންވޭ - މެޓް
# މޫސުމާއިބެހޭ ގައުމީ އިދާރާ--
ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމި އިދާރާއިން މިރޭގެ މޫސުމާއި ބެހޭ ގޮތުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއް ރަށްތަކަށް އުދަައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން މިރޭ އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި އަދި ދެކުނުގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން އުތުރު އަތޮޅުތަކަށް މިރޭ ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 15 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. އަދި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
އަދި އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި މެދުރާއްޖެތެރޭ އަތޮޅުތަކަށްވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ރާޅު އުސްމިނަށް ބަލާއިރު ދެކުނުގެ ރަށްތަކުގައި ރާޅުގެ އުސްމިން 2-4 ފޫޓަށް އުސްވާނެ ކަމަށާއި އުތުރަށް އޭގެ ދެގުނަ 4-8 ފޫޓާއި ދެމެދު ހުއްނާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ރާޅު: 2-4 ފުޓޫ ދެކުނު ، އުތުރު 4-8 ފޫޓާއި ދެމެދު އުތުރާއި މެދު ރާއްޖެ ތެރެ