logoEN
Sto top
ބީއެމްއެލްގެ އެޓީއެމްގެ ހިދުމަތް މިހާރު މ. އަތޮޅުގެ ހުރިހާ ރަށަކުން ލިބޭނެ!

ބީއެމްއެލްގެ އެޓީއެމްގެ ހިދުމަތް މިހާރު މ. އަތޮޅުގެ ހުރިހާ ރަށަކުން ލިބޭނެ!

އަހުމަދު ޝުރާއު

logo

5/22/2025, 8:40:40 AM

# ބީއެމްއެލް

--

ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މ. އަތޮޅުގެ 7 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

Wamco

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް މިއަދު ވިދާޅުވީ މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.

އަދި ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް ބޭންކުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

"ބޭންކުގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިންގ އަދި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުންދާނަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށާއި މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 179 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލްއިން ބުނީ އެބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside