
--
ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން ހޯމަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފެވެ. ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުގެ ބާނީ، ހޭންކް ރޮޖާޒްއެވެ.
އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން، ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓް"ގައި ދީފައިވެއެވެ. އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް މި އެއްބަސްވުން ގޮވާލައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ހަވާއީގައި މިހާރު ކުރިއަށްދާ ބީ.ޕީ.އޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރުގެ އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

ނައިބު ރައީސް ނޫސްވެރިންނަށް: ސައްހަ ނޫން މައުލޫމާތު ރިޕޯޓުކުރުމުން ގެއްލޭނީ ރައްޔިތުން ނޫސްވެރިންނަށް ކުރާ އިތުބާރު، ޒިންމާދާރުވޭ!

އިންޓަރނަލް އޮޑިޓަރުންގެ ޒިންމާ އަދާކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން - ނައިބު ރައީސް

މޯލްޑިވްސް ރިޒޯޓު ވޮލީ ލީގުގެ ނޯތު މާލެ ލީގް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ނައިބު ރައީސް!




