
--
މިރޭވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މާދަމާ ހެނދުނު 06:00 ގެ ނިޔަލަށެވެ.
އެގޮތުން ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހި ގުރުރުމުގެ އިތުރުން އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ. މިއާއިއެކު ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިޔަށް އޮތް 3 ދުވަހު ( މެއި 18 އިން 20 އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި އެވެ. އަދި މި ވިއްސާރާގައި ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.