
ޕާކިސްތާނާއި އިންޑިއާއިން ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން އެއްބަސްވެއްޖެ އެވެ.

މިކަން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"ޕާކިސްތާނާއި އިންޑިއާ އިން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ،" ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
"ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ބުރޫނާރާ، ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް،" ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ވިދާޅުވި އެވެ.
އޭނާ މިކަން ހާމަކުރެއްވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ މިކަމަށް ދެގައުމުން އެއްބަސްވެފައިވާކަން މީގެ އިރުކޮޅެއް ކުރީން ހާމަކުރައްވާފައި އެވެ. އެގޮތުން ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއިން ފަހިކޮށްދެއްވި ފުޅާ މަޝްވަރާތަކަށްފަހު، އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.
އެމެރިކާއާއި ޕާކިސްތާނުން މިކަން ރަސްމީކޮށް ހާމަކުރި ނަމަވެސް އަދި މިހާތަނަށް އިންޑިއާއިން މިކަމާއި ގުޅިގެން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ. ނަމަވެސް އިންޑިއާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު ކުޑައިރުކޮޅެއްގެ ތެރޭގައި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. ބެލެވޭގޮތުގައި މިކަމާއި ގުޅިގެން އިންޑިއާއިން ރަސްމީ ބަޔާނެއް ހާމަކުރާނީ އެނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރުވެސް މިކަން ހާމަކުރައްވައި ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ހަމަލާ ބަދަލުކުރުންތައް ހުއްޓާލައި މިހާރު ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ދެގައުމުން މަޝްވަރާކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރިޔަށްގެންދާނެ ތަނެއް ދާދި އަވަހަށް އިއުލާނުކުރައްވާނެކަން އޭނާ ހާމަކުރެއްވި އެވެ.
ގުޅުންހުރި

ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން އެއްބަސްވުމާއި އެކު ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލައިފި

ޕާކިސްތާނާއި އިންޑިއާއިން ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން އެއްބަސްވެއްޖެ

އިންޑިއާގެ ބާރުގެ ދަށުގައި އޮތް ސްރީނަގަރު އެއާޕޯޓު ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު!
