
--
މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވައިފިއެވެ.

މިކަން މިއަދު ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ވަޑައިގަތުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެއެވެ.
ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށް ކަމަށްވާއިރު ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ޝަހީމް ވިދާޅުވީއެވެ.
ޝަހީމް ވަނީ މިކަން ރާއްޖެއަށް ފަހިވެގެން ދިޔުމާއި އެކު ސަޢޫދީ އަރަބިއްޔާގެ ޢިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިޚުލާޞްތެރި ޝުކުރު އަދާކުރައްވާފައި އެވެ. އަދި ސަައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސަޢޫދަށް ވެސް ޝުކުރު އަދާކުރައްވާފައި އެވެ.
ރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުނެވެ. މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ. އެއީ މިކަމާގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާ އެކު ކުރެވުނު ގިނަ މަޝްވަރާތަކަށް ފަހުގައެވެ.
1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް
- ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
- ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
- މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
- މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
- ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
ގުޅުންހުރި

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ

އައިޔޫއެމް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި
